Top of Form
Bottom of Form
ރަށުކައުންސިލް ތަކުގެ ދައުރު ރައްޔިތުންނަށް އެނގެނީ ކިހާމިންވަރަކަށް؟
by Velidhoo ibu (Ibrahim Mohamed) on Wednesday, November 24, 2010 at 11:23pm
ލޯކަލް ކައުންސިލް އިންތިހާބު އަންނަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ލޯކަލް ކައުންސިލަކީ ކޮބައިކަން، އެކައުންސިލްތަށް ހިނގާ ގޮތެއް އަދި އެކައުންސިލްތަކަގު ޒިންމާ އާއި މަސްއޫލިއްޔަތު ރައްޔިތުންނަށް އެނގެނީ ކިހާމިންވަރަކަށް ބާވައެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި، އެކައުންސިލްތަކަށް މެންބަރުން ހޮވުމުގެ ކުރިން ކައުންސިލުތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކާއި އެކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަކީ ކޮބައިކަން އެނގުން ވަރަށް މުހިއްމެއެވެ. އަދި ހަމަ އެހެންމެ ރަށުކައުންސިލް އެކުލެވިގެންވާ ގޮތާއި ރަށު ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަށް އެނގުމަކީވެސް މުހިއްމު ކަމެއްކަމަށް ދެކެމެވެ.
ލާމަރުކަޒު ކުރުމުގެ ބޭނުން
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ޑިމޮކްރަޓިކް އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށްދިނުމެވެ. އަދި ރައްޔިތުން ބާރުވެރި ކޮށް ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ގާއިމުކޮށް އިޖްތިމާއީ، އިގްތިޞާދީ އަދި ޘަގާފީ ގޮތުން ރައްޔިތުން ބާރުވެރިކުރުވުމަކީވެސް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ރަށުކައުންސިލުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމަކީ ރަށު ކައުންސިލުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ރައްޔިތުންގެ މަޝްވަރާއާއި ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރއްގީގެ ޕްލޭން އެކުލަވާލައި، ރަށުކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަޝްރޫއުތައް ތަންފީޛުކުރުމަކީވެސް ރަށުކައުންސިލްގެ މަސްއޫލިއްޔަތެކެވެ. ރަށުކައުންސިލަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ، ރަށުކައުންސިލުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހެދުމުގެ ބާރު ކައުންސިލަށް ލިބިފައިވާ ކަމެވެ. އަދި، ރައްޔިތުންގެ ނަމުގައި ކަންކަން ނިންމާ، ރައްޔިތުންގެ މާލިއްޔަތާ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމުގެ ބާރުވެސް ރަށުކައުންސިލަށް ގާނޫނުން ދީފައިވެއެވެ.
ރަށުގެ ބިމާއި ރަށުގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނާއި ޕާކު ފަދަ ތަންތަން ބެލެހެއްޓުމާއި އެފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ބަންދު ކުރުމާއި ނުވަތަ ހުޅުވުންވެސް އެއީ އެކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި އެފަދަ ތަންތަން ބެލެހެއްޓުމަށް ހަދަންޖެހޭ ގަވާއިދުތައް ހެދުމާއި އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަކީ ވެސް ކައުންސިލްތަކުގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ރަށުގެ އިޖްތިމާއީ ހާލަތު ރަނގަޅުކޮށް، ރަށުގެ އަމާން އަދި ސުލްހަވެރި ވެއްޓެއް ގާއިމުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ކުރެވެންހުރި ހުރިހާކަމެއް ކުރުމުގެ ބާރުވެސް ރަށު ކައުންސިލަށް ގާނޫނުން ލިބިދީފައިވެއެވެ.
ރަށު ކައުންސިލަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ގާނޫނުގެ ހުދޫދުތަކުގެ ތެރޭގައި ޢަދުލުވެރި ބަދަލެއް ދިނުމަށްފަހު އެތަނެއް ނެގުމުގެ ބާރު ކައުންސިލްތަކަށް ލިބެއެވެ. އަދި ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަރަންޏަށް ފައިސާނެގުމާއި އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުން ކައުންސިލުގެ މާލީ ހައްގުތަކާއި މިލްކިއްޔާތު ރަހުނުކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ގާނޫނުން ވަނީ ދީފައެވެ.
މައިސަރުކާރުގެ ލަފާ ހަމަކޮންމެކަމެއްގައި ހޯދަންޖެހޭ ޖެހުން ހުއްޓުމަކަށް އައިސް ރައްޔިތުންނާ ގާތުން ހިދުމަތްތައް ލިބި ރައްޔިތުން ހޮވާ މެމްބަރުންތަކެއް އެރައްޔިތުންގެ ކަންކަން ނިންމުމަކީ ޑިމޮކްރަސީގެ މީރުރަހަ އަތޮޅުތެރޭގެ ރައްޔިތުންނަށް ލިބުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ.
ރަށުކައުންސިލްތަކުން ދޭ ހިދުމަތްތައް
ލޯކަލް ކައުންސިލްތައް އުފެދުމުން އެކައުންސިލުތަކަށް ގާނޫނުން ދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ހިލާފު ނުވާނޭ ގޮތުގެމަތިން، ރަށްވެހިކަމުގެ ގިނަގުނަ ހިދުމަތްތަކެއް އެކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހެއެވެ. މާލޭގައި އޮންނަ މައިސަރުކާރުން ތަފާތު އެތައް މިނިސްޓްރީތަކެއްގައި އެނބުރުމަށްފަހު އަތޮޅު އޮފީހުން ރަށުއޮފީހުން އައިސް ރައްޔިތުންނާއި ހަމައަށް ހިދުމަތެއް އަންނައިރު އޭގައި އެއްވެސް އުރަތްޕެއް ނުހުންނަކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާކުރަމުންނެވެ. ކައުންސިލްތައް އުފެދި އެކައުންސިލްތަކަށް ގާބިލު، ރައްޔިތުންނަށް އިހުލާސްތެރި ބަޔަކު ހޮވައިފިނަމަ ގިނަވެގެންވާ ހިދުމަތްތަކެއް ރައްޔިތުންނާ ގާތުން ލިބޭނެ ދުވަސް މާދުރެއް ނޫނެވެ.
ރަށުކައުންސިލްތަކުން ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ހިދުމަތް ތަކުގެ ތެރޭގައި، ރައްޔިތުންނަށް އުނދަގޫ ނުފޯރާނެހެން ރައްކާތެރި ގޮތެއްގައި ކުނިނައްތާލުމާއި، ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ރަށުގެ ތިމާވެށި ހިމާޔަތްކޮށް، ރަށްގިރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއްގަމު ތޮއްޓާއި ކަނޑުތޮށި މަރާމާތު ކޮށް ބެލެހެއްޓުމަކީވެސް ކައުންސިލުތަކުން ދޭންޖެހޭ ހިދުމަތް ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރަށުގެ ރައްޔިތުންގެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަރަންޓާ، ފެނާ، ފާހާނާއާއި ނަރުދަމާ ނިޒާމުގެ ހިދުމަތްތައް ހިންގައި ބެލެހެއްޓުމާއި، ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރ ގެ އިތުރުން ސިއްހީ ރައްކާތެރިކަމާގުޅޭ އަސާސީ ހިދުމަތްތައް ދިނުމަކީ ކައުންސިލްތަކުން ކުރަންޖެހޭނެ ކަމެއްކަމަށް ކައުންސިލްތަކާބެހޭ ގާނޫނުގައި ބުނެއެވެ.
ތައުލީމީ ގޮތުން ރަށު ފެންވަރުގައި ކުރެވޭ ތަފާތު ކަންކަން ރާވާ، ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުޝީފުކޮށް ރަށުގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް ރައްކާތެރިކުރުމަކީވެސް ރަށުކައުންސިލުން ކުރަންޖެހޭނެ ކަމެކެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެލައިބްރަރީން އެކިއެކި މައުލޫމާތު ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީވެސް ގާނޫނުން ކައުންސިލްތަކުގެ ބޮލުގައި އަޅުވާފައިވާ މުހިއްމު ކަމެކެވެ.
އިޖްތިމާއީ ރައްކާތެރިކަން ގާއިމުކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ހުއްޓުވަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެފަދަ ހިދުމަތްދޭނެ މަރުކަޒުތައް އަޅައި ހިންގުމަކީވެސް ކައުންސިލްތަކުން ކުރަންޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވާ ކަންކަމެކެވެ. ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްދޭންޖެހޭނެ ކަމަށް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން ކުޅިވަރުކުޅޭ ދަނޑުތަކާއި އަދި އެނޫންވެސް ކުޅިވަރުގެ ވަޞީލަތްތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި އެފަދަ ތަންތަން ބެލެހެއްޓުމަކީވެސް ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭނެ ހިދުމަތެކެވެ.
އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑްތައް ބަލަހައްޓާ، ރަށުގެ ތަފާސްހިސާބު ނަގައި، ރަށުގެ ރަޖިސްޓްރީވެފައިވާ ރަށްވެހީންނާއި ރަށުގައި ރަށްވެހި ނުވެ އުޅޭ އެހެން ރަށްރަށުގެ މީހުންގެ މައުލޫމާތާ ރަށުގައި އުޅޭ ބިދޭސީންގެ މައުލޫމާތުތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމަކީވެސް ރަށުކައުންސިލުން ކުރަންޖެހޭ މުހިއްމު ކަމެކެވެ.
ރަށުކައުންސިލުން ދޭންޖެހޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި، މިސްކިތްތަކާއި ގަބުރުސްތާނުތައް އަދި ރަށުގެ އަސާރީ ތަންތަން ބެލެހެއްޓުމާއި ރަށުގެ ޡަގާފީ ކަންކަން ދިރުވައި އާލާކުރުން ހިމެނެއެވެ. އަދި ދީނީ ގޮތުންނާއި ގައުމީގޮތުން ފާހަގަ ކުރަންޖެހޭ ދުވަސްތައް ފާހަގަ ކުރުމާއި ރަށުގެ މަގުތައް ކުނިކަހައި ސާފުކުރުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. މިފަދަ މުހިއްމު އެތައް ކަމެއް އެބައެއްގެ ބޮލުގައި އެޅިފައިވާ ރަށުކައުންސިލްގެ މެމްބަރުން އިންތިހާބުކުރުމުގައި ރައްޔިތުން ފިސާރި ރައްކާތެރިވާންޖެހެއެވެ.
ރަށު ކައުންސިލަށް ދެވިފައިވާ ބާރަކާގުޅިގެން ކައުންސިލުންކުރާ އަމުރަކަށް ނުކިޔަމަންތެރިވާ މީހުންނަށް އަދަބެއްގެ ގޮތުގައި 500 ރުފިޔާ އާއި 5000 ރުފިޔާ އާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވިދާނެކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވެއެވެ.
ރަށު ކައުންސިލް އެކުލެވިގެންވާ ގޮތް
ރަށު ކައުންސިލް އެކުލެވިގެންވަނީ، އެރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރުވޯޓަކުން ހޮވާ ގާނޫނުގައި ބުނެފައިވާ އަދަދެއްގެ މެމްބަރުންގެ މައްޗަށެވެ. އެގޮތުން 3000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ރަށެއްގައި ނަމަ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ 5 މެމްބަރުންނެވެ.
ރަށުގެ އާބާދީއަކީ 3000 އާއި 10000 ދެމެދުގެ އާބާދީއެއްނަމަ އެރަށެއްގެ ރަށުކައުންސިލުގައި ހިމެނޭނީ 7 މެމްބަރުންނެވެ. އަދި 10000 މީހުންނަށްވުރެ ބޮޑު އާބާދީއެއްނަމަ އެރަށެއްގައި އިންތިހާބު ކުރާނީ 9 މެމްބަރުންނެވެ.
ރަށު ކައުންސިލުގެ ރައީސާއި ނައިބުރައީސް އިންތިހާބު ކުރާނީ އެރަށެއްގެ ކައުންސިލުގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުއުންނެވެ. ރަށުކައުންސިލް ގާނޫނާއި ގަވާއިދުތަކާއި އަދި ކައުންސިލުގެ ނިންމުންތަކާ ހިލާފުނުވާގޮތަށް ހިންގާ ބަލަހައްޓާނީ ރަށުކައުންސިލުގެ ރައީސެވެ.
ރަށުކައުންސިލަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް
ރަށުކައުންސިލަށް ކުރިމަތިލާ ކޮންމެ މީހެއްގައި ހުންނަންޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވަނީ 6 ޝަރުތެކެވެ. އެޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށްނުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވުން، ބުއްދި ސަލާމަތުން ހުރުން އަދި ފުލްޓައިމް ދަރިވަރެއްކަމުގައި ނުވުން ހިމެނެއެވެ.
ރަށުކައުންސިލް ތަކުގެ އިންތިހާބުގައި ބައިވެރި ނުވެވޭނެ މީހުންގެ ތެރޭގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްމީހަކު ނަމަ ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ މީހުން، އެމީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ތަންފީޛުކުރަމުންދާ މީހުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން ނުވަތަ ބޭނުންކުރުމުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހުން ހިމެނެއެވެ. ކުރިން ދެންނެވިފަދަ ކުށެއް ސާބިތުވެފައިވާ މީހުންގެ އިތުރުން ކުޑަކުއްޖަކާމެދު ބަދުއަހްލާގީ އަމަލެއް ހިންގުން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަނެފައިވާ މީހުންނަކަށްވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. އަދި އެއްވެސް ސްކޫލެއް މަދަރުސާއެއް ނުވަތަ ކިޔަވައިދޭ މަރުކަޒެއްގައި ފުލްޓައިމްކޮށް ކިޔަވަމުންދާ ދަރިވަރުންނަކަށްވެސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި، އެކައުންސިލްތަކަށް މެންބަރުން ހޮވުމުގައި އެމެންބަރުންނާމެދު ފަރުވާތެރި ވުމަކީ، ރަށުގެ ކުރިއެރުމަށްޓަކައި އަދި ރަށުގެ ކުރިމަގަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. ރަށު ކައުންސިލާ ހިސާބުން މުހިއްމު ކަންކަމުގައި "މަރުތަޅު" ނޭޅޭނެ ގޮތަކަށް އެކައުންސިލްތަކަށް މެމްބަރުން ހޮވުމަކީ މުހިއްމު ކަމެކެވެ. ސިޔާސީ "ގުންޑާއިން"ގެ ބަދަލުގައި އިލްމީ، ތަޖުރިބާހުރި، ރަށްދެކެ ލޯބިވާ އަދި ރައްޔިތުންނަށް އިހްލާސްތެރި ބަޔަކު އެކައުންސިލްތަކަށް ހޮވުމަކީ ދަރިންނާއި ދަރިންގެ ދަރީންގެ ކުރިމަގަށްޓަކައި ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ