އޭ އިސްލާމް ދީނާއި ޤައުމު ދެކެ
ހަޤީގީ ލޯބިވާ ދަރީންނޭވެ. މިއަދު މި ދިވެހި ރާއްޖޭގެ ހާލަތާއި މެދު ޤާފިލްވެ
ސިޔާސީ އޮއެވަރާއި ކުލަތަކުގެ ދަޅައިގައި ޖެހި އަމިއްލަ ސިކުނޑީގެ ތަރާދުން
ކަންތައްތައް ވަޒަން ނުކޮށް ތިބެން ހެޔޮވެދާނެތޯއެވެ.
ވިސްނާ ފިކުރުކޮށް ބަލާށެވެ. މިއަދު ރާއްޖޭގެ ވެރިކަމުގައި މިތިބަ ބަޔަކީ ތިޔަބޭފުޅުންގެ ރުހުމާއި ތާއިދުގެ ވޯޓުން ތިޔަބޭފުޅުންގެ ހައްޤުތަކާއި، ތިޔަބޭފުޅުންގެ ދަރިންނާއި އެ ދަރިންގެ ދަރިންނަށްޓަކައި ކުރިއަށް އޮތް 5 އަހަރަށް ވިސްނުންތެރި ކަމާއި އެކު ނިންމެވި ނިންމެވުމުގެ މައްޗަށް އަތް ގަދަކޮށް، ގަދަ ބާރުން ބަގާވަތްކޮށް، ވެރިކަން ފޭރިގަނެ ރައްޔިތު ގިނަ ބައެއްގެ ނުރުހުމާއި ނަފްރަތުގައި ވެރިކަމުގައި ދެމިތިބުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރަމުން ގެންދާ، އަމިއްލަ އެދުމުން ފޯވެފައިވާ ދަހިވެތި، އަނިޔާވެރި ގައްދާރިންތަކެއްކަން ހެޔޮ ވިސްނުމުން ވިސްނާލުމުން އެނގިގެންދާނެއެވެ.
މިބައިމީހުންގެ ވެރިކަން ދިފާޢު
ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންޖެހުނު ކަމުގައި ވިޔަސް އެދަނީ
ކުރަމުންނެވެ. ރޯމާ ދުވާލު ފާޅުގަ އާއި ސިއްރުގައި ސަރުކާރުގެ ނުފޫޒާއި ބާރުތަށް
ހިތު ހުރި ގޮތަކަށް ބޭނުންކޮށްގެނެވެ. ލޮބުވެތި ރައްޔިތުންނޭ، ހޭ އަރާށެވެ.
ދާދި ފަހުން މިދައިކަށް ދުވަހު،
އަޅުގަނޑުމެންގެ ތެރެއަށް ފެންމަތިވެގެން އައީ ދުނިޔޭގެ ފެންވަރުގައި މުޅި
ދުނިޔޭގެ ލޯތަށް އެބަޔަކަށް ފާރަވެރިކަމާއި އެކު ބަލަމުންދާ ނުރައްކާތެރި ވަގު
ވިޔަފާރިތަކާއި، މަސްތުވާ ތަކެއްޗާއި މީހުން މެރުމުގެ ނުބައި ޖަރީމާތައް ހިންގާ، އެކަމުގައި
ޝާމިލްވެ ޤައުމުތަކުގެ އިސްތިގްލާލާއި، މިނިވަންކަމާއި، ދީނާއި، ސަގާފަތުގެ
ތެރެއަށް އަތް ބާނާ އަތް ގަދަކުރުމުގެ މަސައްކަތްތައް ކޮށްފައިވާ ނުރައްކާތެރި
އާތަރ ބްރަދާސްގެ ވާހަކަތަކެވެ. އަދި މިބައިމީހުންގެ އަމަލާއި މުއާމަލާތުތައް
ހިންގާފައި މިވަނީވެސް ކުރިންވެސް
ދުނިޔޭގެ އެހެން ޤައުމުތަކުގައި އެމީހުންގެ ކަންތައްތައް ކުރަމުން
ގެންގޮސްފައިވާ ބީދައިންނެވެ. އާއެކެވެ. ސަރުކާރުގެ އެންމެ އިސް ވެރިމީހާއިން
ފެށިގެން ވަޒީރު ފެންވަރުގައި އެފަރާތާއި (އާތަރ ބްރަދާސް އާއި) ފާޅުކަން ބޮޑު
ގޮތެއްގައި މުޢާމަލާތްތައް ހިންގާފައި ވާކަން އަދު މިވަނީ ފެންމަތިވެ އެކަންކަން
ކަށަވަރުވެގެން ގޮސްފައެވެ. މުދާ އެތެރެކުރުމާއި ވިއްކާ، ވިޔަފާރީގެ
އެތައް މުޢާމަލާތު ތަކެކެވެ. ސަރުކާރުގެ ނުފޫޒާއި ބާރުން ހިމާޔަތް ލިބި
ތިބެގެންނެވެ. އަދިވެސް ސުވާލު އުފެދޭ އެތައް ކަންތައްތަކެއް ދުވަހެއް ދުވަހަކުން
މިދަނީ ފެންމަތިވަމުންނެވެ. މި ކުޑަކުޑަ ރާއްޖޭގައި ހިނގިޔަސް މިއީ އާދައިގެ
ކުޑަކުޑަ ކަންތައްތަކެއް ނޫނެވެ. މި މީހުންގެ ނުރައްކާތެރިކަން ވަނީ ދުނިޔޭގެ
ތަފާތު ޤައުމުތަކުން ތަޖުރިބާކޮށް ތަހައްމަލް ކޮށްފައެވެ. އަދިއަދަށް ދާންދެންވެސް
އެބައިމީހުންގެ ހިތްތަކުގައި މި މީހުންނަށް އުފެދިފައިވާ ނަފްރަތާއި
ބިރުވެރިކަމުގެ އޮއެވަރު ހިނގުމަކަށް ބަދަލެއް ނާދެއެވެ. ވީއިރު އަޅުގަނޑުމެން
އަދިވެސް ހޭއަރާކަށް ނުވޭތޯއެވެ.
ނުރައްކާތެރިކަމުގެ އަޑުތަކާއި މަންޒަރާއި
ކުލަތައް ދުނިޔެ މައްޗަށް އިރުއަރާ ކޮންމެ ދުވަހަކު އުދަރެހުން މިދަނީ ފެނި ފާޅުވެ،
ފެންމަތިވަމުންނެވެ. ހަތަރު އުދަރެސް ބަނަވެ އަނދިރިވެ ހަފަރާތުގައި ނާމާންކަން
މިވަނީ ވަށާލާފައެވެ. ދޮގެއްތޯއެވެ.
ދަންނާށޭ، މިހާރު މިއޮތް ބާގީ ސަރުކާރުން
ކަންކުރަމުން އެގެންދަނީ އަދިވެސް ނުރައްކާތެރި، ބިރުވެރި، ނާމާންކަން
އިންތިހާއަށް ބަރުދާސްތު ކުރަންޖެހޭނެ ކަންތައްތައް އިތުރުކުރަމުންނެވެ. އަޅުގަނޑު
ތިބޭފުޅުންގެ ސަމާލުކަމަށް ގެނެސްދޭން މި މަސައްކަތް ކުރަނީ މިހާރު
ފެންމަތިވެފައިވާ ކަންތައްތަކުގެ ތެރެއިން ހަމަ އެންމެ ކަމެކެވެ. އެމެރިކާގެ
ޔަހޫދީ ސަރުކާރުގެ ބާރުގެ ދަށަށް މިރާއްޖެ ގޮސް، މިރާއްޖޭގެ
އެކި ކަންކޮޅުތަކުގައި އެމެރިކާ ސިފައިންގެ ބޭސްތަކެއް ހެދި،
ޤާއިމްކުރެވި އެފަރާތްތަކަށް
ލިބިދޭން މި ބާގީ ސަރުކާރުން އެއްބަސްވެފައިވާ އިމްތިޔާޒުތަކުގެ ތެރެއިން، ހަމަ
އެކަނި އެމެރިކާ ސިފައިންގެ ބޭސްއެއް ޤާއިމްވިޔަސް،
ކަން ހިނގާނޭ ގޮތުގެ
ހަޤީގަތަށް ބުރަވެ ހުރެގެންނެވެ.
އިސްލާމީ މެޖޯރިޓީ ބޮޑު ޤައުމުތަކުގައިވެސް
އެމެރިކާގެ އަތް ގަދަކޮށް އެފަރާތުގެ މިލިޓަރީ ބޭސްތައް އުފައްދައި އެ
ބޭސްތަކުގައި އެމެރިކާގެ ސިފައިން ހިންގާފައިވާ ލާދީނީ، ލާއިންސާނީ ޢަމަލުތައް
ވަނީ ހައްދުފަހަނަ އަޅާ ގޮސްފައެވެ. މިފަދަ ވާހަކަތަކަކީ ތިޔައިން ކޮންމެ
ރައްޔިތަކަށްވެސް އޮޅުމެއް ނެތް ގޮތުގައި އެނގި ފާޅުވެގެން ގޮސްފައިވާ
ކަންތައްތަކެވެ. އެމެރިކާގެ ޔަހޫދީން މިބޭސްތަކުގައި އިސްލާމްދީނާއި ﷲ
ބާވާލެއްވެވި ޝަރީޢަތް، ކީރިތި ޤުރުޢާނަށް އިހާނެތިކޮށް ހިތުމަށް އެފޮތުގެ
ކަރާމަތާއި ޚުރުމަތަށް ބެލުމެއްނެތި އެއް ޖިންސުން ގުޅުންތައް ހިންގުމާއި، ރާބޮއެ، ނަށާ،
ލަވަކިޔުމާއި ފާހިޝް ޢަމަލުތައް ކުރުމުގައި ހައްދުފަހަނަ އަޅާގޮސް އެ ޤައުމުތަކުގެ
އިސްލާމީ އަންހެނުންނާއި ފިރިހެނުން، ކުޑައެއް ބޮޑެއް، ޒުވާނެއް މުސްކުޅިއެއް
ބެލުމެއް ނެތި ޝިކާރަކޮށް ގަދަބާރުން އިތްފައިތް ފޭރި ފާހިޝް ޢަމަލުތައް
މަޖުބޫރުން ކުރުވުން ފަދަ ކިތަންމެ ކިތަންމެ ހާދިސާތަކެއްގެ ވާހަކަ ވާނީ
އަޑުއަހާފައެވެ. ނަތީޖާއެއްގެ ގޮތުން، މާތް ﷲގެ
ގަދަފަދަ ކޯފާތަށް އެބައިމީހުންގެ މައްޗަށް ހުށައެޅި އެފަދަ ތަންތަނާއި އެބައިމީހުން
ވަނީ ހަލާކުގެ ތެރެއިން ނެތިކުރައްވާފައެވެ. މިފަދަ ހާދިސާތަކަކީ ދާދި މިދާއިކަށް
ދުވަހު ހިނގާ ގޮސްފައިވާ އެކަމުގެ އަސަރުތައް އަދިވެސް ލޯ ތަކުގެ ކުރިމަތީ
ފެންނަން ހުރި ހަޤީގަތް ތަކެވެ.
ވީއިރު، މިފަދަ ޢަމަލުތަކަށް ރުހި
އަޅުގަނޑުމެންގެ ސައްތައިން ސައްތަ އިސްލާމީ މި ކުޑަކުޑަ ޤައުމުގައި ޒަމާންވި
މާތް އިސްލާމްދީނުގެ ވަޙުދަތާއި
ކަރާމަތަށް ލޮޅުން އަރާ، އަހުވަންތަ ކަމާއި އުހުއްވަތްތެރިން
ކެނޑި ފަސާދަވެ، ސަގާފަތާއި ތާރީޚު ކިލަނބުވެ،
ހަރާބުވެ، ނަޖިސްކޮށްލަން ރުހިގެން ތިބުމަކީ
ހެޔޮވާވަރު ކަމެއްތޯއެވެ. މިފަދަ ކަމެއް މިރާއްޖޭގައި ހިންގުމަށް ރުހި
އަޅުގަނޑުމެންގެ އިހުމާލެއް ވާނަމަ ﷲގެ ހަޒްރަތުން އަތުވެދާނެ ގަދަފަދަ އަޒާބަކަށް
ހުށައެޅިގެން ދިޔުން އެއީ ދުރުގާ އޮތް ކަމެއްތޯއެވެ.
އެނގިލައްވާނެ ފަދައިން،
މިޤައުމުގައިވެސް އިސްލާމްދީނާއި ޤައުމަށްޓަކައި ޖާނާ ފުރާނައިން ޤުރުބާންވެ، ދީން
ހިމާޔަތް ކުރުމަށް މެދުކެނޑުމެއް ނެތި ރޭގަޑާއި ދުވާލު މިދަނީ އަޑުތައް
އުފުލަމުންނެވެ. ނަމަވެސް ކުރިން މިދެންނެވުނު ކަންތައްތަކުގެ ވާހަކަތައް ދީނާއި
ޤައުމުގެ ނަމުގައި އަޑު އުފުލިގެން ދާތަނެއް ނުފެނެއެވެ. ދީނާ ޤައުމަށްޓަކައި
އުފުލޭ އަޑުތަކަކީ ކުރީގެ ސަރުކާރު.. ކުރީގެ ސަރުކާރު.. ކުރީގެ ސަރުކާރު.
ކުރީގެ ސަރުކާރުން މިރާއްޖޭގެ ކޮންމެ
ރައްޔިތަކަށް ބޭސް ފަރުވާއަށް ސަލާންޖަހަން ނުޖެހި ހިލޭ ބޭސް ކުރެވޭނެ
އާސަންދައިގެ ނިޒާމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުރީގެ ސަރުކާރުން ޤައުމުގެ
އެއަރޕޯޓު ތަރައްގީކޮށް، ތަހުޒީބުކުރުމަށް ބޭރުގެ ފަރާތްތަކާއި ހިންގުން
ހަވާލުކޮށް ޤައުމުގެ އިޤްތިޞާދު ކުރިއަރާ މާލިއްޔަތު އިތުރުވެ ޚިދުމަތްތަށް ފުޅާވެ، ނުފޫޒު
ގަދަ މަދު ދެތިން މަހުޖަނުންނަށް ބައި ނޭޅޭގޮތަށް ރައްޔިތު މީހާގެ ޖީބަށް އިތުރުވާ
ނިޒާމެއްގެ ދަށުން ބައްޓަން ކޮށްފައިވާ ގޮތަކީ ދީނާއި ޤައުމަށްވި ބޮޑު
ހިޔާނަތެކެވެ. ކުރީގެ ސަރުކާރުން އެކަނިވެރި މައިންނާއި ނުކުޅެދޭ މީހުންނަށް ދެވޭ
ފައިސާގެ އެހީ އާއި ދުވަސްވީ މީހުންނަށް ދެވޭ -/2000ރ ގެ ނިޒާމަކީ ބޮޑުވެގެންވާ
ރިޝްވަތެކެވެ. ދީނަށްޓަކައި، ޤައުމަށްޓަކައި ޖިހާދަ ކުރަމުންދާ ގިނަ
ޝޭހުންގެ އަޑަކީވެސް މިއެވެ. އަދި ދީނަށްޓަކައި،
ޤައުމަށްޓަކައި އުފައްދާފައިވާ އިއްތިހާދުގެ އަޑަކީވެސް މިއެވެ. ހައިރާނެއް
ނުވާނެބާއެވެ.
ދީނީ ޢިލްމުގެ ޤާބިލް އުސްތާޒުން، ބޮޑުންގެ
ތުނބުޅިފުޅު ދިގުވެ ބޮޑު ޖުއްބާގައި ފެނުނުކަމުގައި ވިޔަސް ދީނަށްޓަކައި ޤައުމަށްޓަކައި
ކުރަންޖެހިފައިވާ ޖިހާދުގެ ބޮޑު، ބިޔަ، ބުރަ
މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް އޮތް ތަނެއްގައި އޮތީއެވެ. ވައްކަމާއި، މާރާމާރި
އާއި، ބަދްއަޚްލާގީ ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މީހުން
މެރުމުގެ ނުރައްކާތެރިކަމުން ރައްޔިތުންނަށް ޤައުމަށް، ދީނަށް، ވަޠަނަށް ހަމަ
އެއްވެސް ކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ޤައުމުގެ ހާލަތު ދަނީ ދުވަހެއް
ދުވަހަކަށް ދަށަށެވެ. ޝޭހު އިމްރާން ކީއްކުރަންތޯ ޝޭހު ޝަހީމް އަދި ޕޯޕް ބޯފަން
އަބްދުﷲ ކަމުގައި ވިޔަސް އަޅުގަނޑު ދަންނަވާނީ އިސްލާމްދީނުގެ ނަމުގައި އެ ދީނުގެ
ޓެގު ޖައްސަވައިގެން ދީން ޚަތިޔާރަކަށް ހައްދަވައި ތިޔަ ކުރައްވާ މަސައްކަތްތައް
ރަނގަޅުތޯއެވެ.
އޭގެ ބަދަލުގައި، ދީނާ
ޤައުމަށްޓަކައި މިހާރު މިއޮތް ބާގީ ސަރުކާރު ބަގާވާތަކުން ވެރިކަމަށް ގެންނަން
ވެގެން ކުރެވިފައިވާ ދީނާއި، ޤާނޫނާއި ޚިލާފް ޢަމަލުތަކަށް
ރައްޔިތުންގެ ކިބައިން މައާފަށް އެދި ތައުބާވެ މި ބާގީ، ވަގުތީ، ލާދީނީ،
ލާއިންސާނީ ބަގާވާތުގެ ސަރުކާރުން ކުރަމުން ގެންދާ ނުބައި ނުލަފާ ދީނާއި ޚިލާފު
ޢަމަލުތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ތެދުވެ މިޤައުމުގެ "މާތްވި
އިސްލާމްދީނާއި، ޤައުމަށްޓަކައި ހިނގާށެ ދާން މި ޖާނު
ދޭން.." އަޅުގަނޑުމެން މިތިބީ ޤައުމާއި ދީނުގެ ދިފާޢުގައި އިއްތިހާދުވެ
ޖިހާދުވާން ތައްޔާރަށެވެ. އެކަމަކު އެއީ، ޤައުމަށްޓަކައެވެ. ދީނަށްޓަކައެވެ.
Copyright © 2004 & 2012 Ibrahim Mohamed! Inc. All rights reserved.e-mail:ibrahimmohd@gmail.com
No comments:
Post a Comment